|
ރޯދަ އާއި ކާނާ އާއި ސިއްހަތު
ރޯދައަށް ހުރުމަކީ ދުވާލުގެ ވަގުތު ކެއުންބުއިމުން އެއްކިބާވެ ހުރުން ކަމުގައިވިއަސް އެމަހަކީ ކާބޯތަކެއްޗަށް އެންމެ ގިނަ ޚަރަދުކުރާ އަދި ކެއުންބުއިމާ މެދު ވިސްނައި އެކަމަށް އެންމެ ގިނަ ވަގުތު ހޭދަކުރާ މަހަށް ވަނީ ވެފަ އެވެ. މިއީ މިކަން އޮންނަން ޖެހޭނެ އެންމެ ފުރިހަމަ ގޮތް ނޫންކަން ޔަގީނެވެ. މި ބަރަކާތްތެރި މަހުގައި އަޅުކަމަކީ އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަންތަކެވެ. ނަމަވެސް ބައެއް ރޯދަވެރިން ރޯދަވީއްލުމާ އެކު ވަކި މިންވަރެއް އަދި ވަކި އެއްޗެއް ބެލުމެއް ނެތި ކެއުމުގެ ސަބަބުން ރޯދަމަހުގައި ވަރަށް ބޮޑު ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހެ އެވެ. އޭގެ ތެރޭގައި ގޮހޮރުގައި ވައި އުފެދި ބަނޑު ފުއްޕާފައި ހުރުމާއި ހަޖަމު ނުކުރެވުމާއި، ބަނޑުހަރުވެ ބޮޑުކަމުދާން އުނދަގޫވުމާއި، ގޮހޮރުގައި އެސިޑްމަތިވެ ފާރު އުފެދުން ފަދަ މައްސަލަތަކާއި، ލޮޑުވެ ވަރުބަލިވުމާއި، ބޮލުގައި ރިއްސުން ފަދަ ކަންތައްތައް ހިމެނެ އެވެ. މީގެ ސަބަބުން ރޯދަމަހުގެ ރޭގަނޑު ވަގުތުގައި އަދާކުރުން ސުންނަތްވެގެންވާ އަޅުކަންތައް އަދާކުރުމަށް ހުރަސްއެޅެ އެވެ.
ކީރިތި ރަސޫލާގެ އިރުޝާދުތަކުން ވެސް އެނގޭ ގޮތުގައި ރޯދަވީއްލާ ވަގުތާއި ރޯދައަށް ހުރުމަށްޓަކައި ހާރުކާ ވަގުތު ހިފަހައްޓަން ޖެހޭ ސިއްހީ އާދަތަކެއްވެ އެވެ. ކަދުރު ފަދަ ހަކުރު އެކުލެވޭ ލުއި އެއްޗަކުން ރޯދަވީއްލުމާއި ވަގުތުން ބަނޑުފުރާ ނުކެއުމާއި ހާރުކެއުން ފަސްކުރުމަކީ އޭގެ ފައިދާތަކާ މެދު މިޒަމާނުގެ ކުރިއަރާފައިވާ މެޑިކަލް ސައިންސް އެއްބަސްވެފައިވާ ކަންކަމެވެ.
ރޯދަމަހު ފުރިހަމަ ސިއްހަތެއްގައި ތިބުމަށްޓަކައި ކާނާގެ ބާވަތްތަކުގެ ތެރެއިން ހުރިހާ ވައްތަރެއް ހިމެނޭ ކާނާ ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. ކާބޯހައިޑްރޭޓްސް ލިބޭ ކާނާތަކުގެ ތެރޭގައި ރޮށްޓާއި ބަތް އަދި ބަތްޕެން އަދި ފަލަމަޑީގެ ބާވަތްތައް ހިމެނެ އެވެ. ޕްރޮޓީން ލިބޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކަނޑުމަހާއި އެއްގަމު މަހާއި ބިހާއި ކިރު އަދި ގޮވާމުގެ ބައެއް ބާވަތްތައް ހިމެނެ އެވެ. މީގެ އިތުރަށް މިނެރަލްސް އަދި ވިޓަމިން ފަދަ ބާވަތްތައް ތަރުކާރީ އާއި ފަތް އަދި މޭވާގެ ބާވަތްތަކުން ފުރިހަމަކޮށްދެ އެވެ. ތެޔޮ ނުވަތަ ފެޓްސް އަކީ ކާނާގެ ބާވަތްތައް ތައްޔާރުކުރުމުގައި އެއްކުރެވޭ ތެޔޮ ނުވަތަ ގިތެޔޮ ފަދަ ތަކެތިން ލިބޭނެ އެއްޗެކެވެ. ވުމާއެކު ރޯދަމަހު މިހުރިހާ ބައިތައް އެކުލެވޭ ކާނާ ބޭނުންކުރުމަށް ސަމާލުވާން ވާނެ އެވެ. ނަމަވެސް މިނަށް ވުރެ ގިނައިން ކެއުމަކީ ހަށިގަނޑުގެ ބަރުމިން އިތުރުވެ ލޮޑުވުމާ އެކު ތަފާތު ބަލިތަކަށް ދެވޭ ދައުވަތެކެވެ.
ރޯދަވީއްލާ ވަގުތު ކެއުމަށް އެންމެ ރަނގަޅުވާނީ ގޮހޮރުތެރޭގައި ގިނައިރު މަޑުނުކޮށް އަވަހަށް ހަޖަމުވެގެންދާ ކަހަލަ ލުއި ކާނާ އެވެ. ރިފައިނެޑް ކަބޯހައިޑްރޭޓްސް ހަޖަމުކުރުމަށް ތިން ގަޑިއިރު ނުވަތަ ހަތަރު ގަޑިއިރު ނަގެ އެވެ. މިފަދަ ތަކެތީގެ ތެރޭގައި އެކި ވައްތަރުގެ ފޮނި ކާތަކެއްޗައި ކަދުރާއި އެހެނިހެން މޭވާ އާއި އޭގެ ފަނި ހިމެނެ އެވެ. ހަމައެފަދައިން ހާރުކެއުމަށް ރަނގަޅުވާނީ ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާ އެވެ. މިބާވަތުގެ ތަކެތި ހަޖަމުކުރުމަށް އަށެއްކަ ގަޑިއިރު ނަގާނެ އެވެ. ވުމާއެކު ދުވާލުގެ ރޯދައަށް ހުންނަ ވަގުތުތަކުގައި ބަނޑުހައިކަމުން ސަލާމަތްކޮށްދިނުމުގައި މިތަކެތި އެހީތެރިވެ އެވެ. ކޮމްޕްލެކްސް ކާބޯހައޑްރޭޓްސްގެ ތެރޭގައި ހިމެނޭ ތަކެއްޗަކީ ބަތާއި ރޮށްޓާއި މުގުރިހަ އަދި ބީންސް އާއި ބާލީ އަދި އޯޓްސް ފަދަ އެއްޗިއްސެވެ. މީގެ އިތުރަށް ކިރާއި އަދި ކިރުން ހަދާފައި ހުންނަ ކާނާ ހިމެނެ އެވެ.
ތެލުލާފައި ހުންނަ ހެދިކާގެ ބާވަތްތަކާއި ކުޅިކޮށް ހަދާފައި ހުންނަ ކާނާގެ ބާވަތްތަކާއި ހަކުރު ގިނައިން އެކުލެވޭ ފޮނިކާތަކެތި ރޯދަމަހު ވަރަށް ގިނަ މީހުން ކައެވެ. ނަމަވެސް މިބާވަތުގެ ތަކެތި ގިނައިން ކެއުމަކީ ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ. މިފަދަ ތަކެތި ކެއުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ހަޖަމުކުރުމުގައި މައްސަލަޖެހުމާއި، މޭއެންދުމާއި، ހަށިގަނޑުގެ ބަރުމިން އިތުރުވަމުން ދިއުމާއި، ގޮހޮރުގައި އެސިޑް އުފެދި ގޮހޮރު ފާރުވުން ހިމެނެ އެވެ.
ރޯދަވެރިންގެ ސިއްހަތަށް އެންމެ ބޮޑަށް އަސަރުކުރާ އެއް ކަމަކީ އެކަށީގެންވާ ވަރަށް ފެން ނުބޮވުމާއި ދިޔާތަކެތި ނުބޮވުމެވެ. މިކަމުގެ ސަބަބުން ޑިހައިޑްރޭޓްވުން ނުވަތަ ހަށިގަނޑުގެ ފެން މަދުވުމުގެ ސަބަބުން ކުޑަކަމުދާ ސިސްޓަމްގައި ޖަރާސީމު އަށަގަތުން ފަދަ މައްސަލަތައް ދިމާވެ އެވެ. ވުމާއެކު ރޯދަވީއްލުމަށް ފަހު ގިނައިން ދިޔާތަކެތި ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް ހާރުކާ ވަގުތު ސަޔާއި ކޮފީ ފަދަ ތަކެތި ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭގެ ސަބަބުން ގިނައިން ކުޑަކަމުދާން ޖެހުމުގެ ސަބަބުން ހަށިގަނޑުން ފެނާއި ލޮނު ފަދަ ތަކެތި ބޭރުވެގެން ދިއުން އިތުރުވުމާ އެކު ރޯދަ ވަރުބަލިވުން ބޮޑުވާނެ އެވެ.
ފުރިހަމައަށް ނިދި ނުލިބުމަކީ ވެސް ރޯދަވެރިންނަށް ދިމާވާ ސިއްހީ މައްސަލައެކެވެ. އާއްމު ގޮތެއްގައި މެދުކެނޑުމެއް ނެތި ހަ ގަޑިއިރު ނިދަން އާދަވެފައިވާ މީހުން ރޯދަމަހު ނިދި މެދުކެނޑި އަދި އެކަށީގެންވާ ރަނގަޅު ނިންޖެއް ނުލިބުމުގެ ސަބަބުން އިތުރު ސިއްހީ މައްސަލަތަކާ ކުރިމަތިވެ އެވެ. ވުމާއެކު ރޯދަމަހުގެ ވަގުތު ވަކި ގޮތަކަށް ތަރުތީބުކޮށް ތާވަލެއް ހަދައި އެއާ އެއްގޮތަށް ކަންތައްތައްކުރުމަކީ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. އަދި މިފަދަ ތާވަލެއްގައި އަޅުކަން ކުރުމަށާއި، ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަށާއި، ނިދުމަށާއި ކަސްރަތު ފަދަ ކަންތަކަށް ވަގުތު ދޭންވާނެ އެވެ.
(މައުލޫމާތު ހަވީރު އޮންލައިނުން)
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|