|
ބއތމ ގެ ގްރޭޑް 9 ގެ ދަރިވަރަކު އޯލެވެލް އިނގިރޭސި މާއްދާއިން "އޭ ސްޓާރ" ހޯދައިފި
|
މިލިޔުން ބުކުމާކް ކުރައްވާ
މިލިޔުން ޕްރިންޓް ކުރައްވާ
|
 އަލީ އަރުޝަމް |
ކޭމްބްރިޖް އޯ ލެވެލް އިމްތިހާނުގެ އިނގިރޭސި މާއްދާގައި މިދިޔަ އަހަރު ބައިވެރިވެ، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް ނުވައެއްގެ ދަރިވަރަކު "އޭ ސްޓާރ" ހޯދައިފި އެވެ.
އެ ސްކޫލުގެ ގްރޭޑް 9 ގައި މިދިޔަ އަހަރު ކިޔެވި އަދި މިހާރު ހަމަ އެ ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ މިރަށު އާސަމް، އަލީ އަރުޝަމް އޯ ލެވެލް އިން "އޭ ސްޓާރ" މި ހޯދީ އިންގްލިސް އޭޒް އަ ސެކަންޑް ލޭންގްއޭޖް (އެކްސްޓެންޑެޑް) ގައި ބައިވެރިވެގެން ނެވެ.
އަލީ އަރުޝަމް މިއަދު ބުނީ އޭނާ އޯލެވެލްގައި ބައިވެރިވެ އިނގެރޭސި މާއްދާ ހެދީ "ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އޮތުމުން" ކަމަށެވެ.
"އަޅުގަނޑު އޭ ސްޓާއެއް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތުމުން އޯލެވެލްގައި ބައިވެރިވީ. ޚާއްސަކޮށް ކިޔަވައިދެއްވާ ޓީޗަރާއި ޓިއުޝަން ދިން ޓީޗަރު އެދުމުގެ މަތިން ބައިވެރިވީ. އަދި އާއިލާގެ މީހުންގެވެސް އެދުމުގެ މަތިން. މިހާ ރަނގަޅު ނަތީޖާއެއް ލިބުނީމަ ވަރަށް އުފާވި،" ދެބެން ހިމެނޭ އާއިލާގެ ދޮށީ ދަރިފުޅު ރޭ އީޓީއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ހުރިހާ ގްރޭޑް ތަކެއްގައި ވެސް އޭ ރިޕޯޓް ހޯދަމުން އަންނަ އަދި ގްރޭޑް ސެކަންޑްރީގައި ކޮންމެ އަހަރަކުވެސް ދިވެހި އަދި އިނގެރޭސި ފިޔަވައި ހުރިހާ މާއްދާ އަކުން އޭ ސްޓާރ ހޯދާ ދަރިވަރު ބުނީ އޭނާ އުއްމީދުކުރި ނަތީޖާ ލިބުމުން ވަރަށް ބޮޑަށް އުފާވި ކަމަށެވެ.
"ޓެސްޓް ހަދައި ނިމުމުން ޔަގީންވި "އޭ ސްޓާރ" ލިބޭނެ ކަމަށް، އެކަމު މިދިޔަ ހަފްތާ ތެރޭ ސްކޫލު ކުދިންގެ ނަތީޖާތައް ލިބުނީމަ ކުޑަކޮށް ޝައްކުވި އޭ ސްޓާރ އާ ދޭތެރޭ،" ކޮންމެ އަހަރަކުވެސް އޮނަލިސްޓެޑް އެވޯޑްވެސް ހޯދަމުން އަންނަ އަދި މިއަހަރު އެ ސްކޫލުގެ ޑެޕިއުޓީ ސްކޫލު ކެޕްޓަން ކަމަށް ހޮވުނު އަރުޝަމް ބުންޏެވެ.
އަރުޝަމުގެ މަންމަ އަމީނާ މޫސާ ވިދާޅުވީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި މާއްދާގައި އަރުޝަމް ބައިވެރިކުރުމަށް ނިންމީ، އިމްތިހާން ފެށެން ގާތްގަނޑަކަށް ދެމަހެއްހާ ދުވަހަށް ވެފައިވަނިކޮށް ކަމަށާއި އެގޮތަށް ނިންމީ ކިޔަވައިދެއްވާ ޓީޗަރުންނާއި އާއިލާގެ އެދުމުގެ މަތިން ކަމަށެވެ.
"ގާތްގަނޑަކަށް ހަ މަހެއްހާ ދުވަހަށް ވެފައި ހުއްޓާ އަރުޝަމް އޯލެވެލްގައި ބައިވެރިކުރަން ނިންމީ، އެހެންނަމަވެސް އޯލެވެލް ޚާއްސަކޮށްގެން ގާތްގަޑަކަށް ދެތިން މަސް ދުވަހު މަސައްކަތް ކުރެވިފައި އޮންނާނީ. އެ މުއްދަތުގެ ތެރޭގައި ވަކިން ޚާއްސަ ޓީޗަރަކު ގެނެސްގަން ޓިއުޝަން ދިނީ. އަރުޝަމުއަށް މިހާބޮޑު ކާމިޔާބީއެއް ލިބުނީމަ، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ނާގަރާޖް ސާ އަށާއި ޖޯން ސާ އަށް. އަދި އިމްތިހާނުގައި ބައިވެރިވުމަށް އަމީ (އަމީލިޔާ މޫސާ) ކޮށްދިން މަސައްކަތަށް ވެސް ޝުކުރު ދަންނަވަން. އޭގެ އިތުރުން ސްކޫލުގެ މެނޭޖްމަންޓަށްވެސް ޝުކުރު ދަންނަވަން،" އަރުޝަމްގެ މަންމަ އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަޔާ ސެކަންޑްރީ ކްލާސްތަކަށް ދިވެހި ކިޔަވައިދެއްވާ މުދައްރިސް އަމީނާ ވިދާޅުވި އެވެ.
އަރުޝަމް ބުނީ އޭނާ އެންމަބޮޑަށް ކިޔަވާ ހިތްވަނީ އިނގެރޭސީގެ އިތުރުން މެތުސް އަދި ފިޒިކްސް ކަމަށެވެ. އެގޮތުން މެތުސް އާއި ފިޒިކްސް ވެސް ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް 90 އަށްވުރެ މަތި ލިބޭ ކަމަށް އަރުޝަމު ބުންޏެވެ.
އާއްމު ގޮތެއްގައި އޯލެވެލް އިމްތިހާނުން "އޭ ސްޓާރ" ލިބެނީ 90-95 ވުރެ މަތީ މާކްސް ލިބިގެންނެވެ. އަރުޝަމް އަށް އީޓީން ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|