މާވަހަރުގެ އަގު 860،000ރ އަށް އަރައިފި




ފުޅަދޫން ފާނައިގެ މަސްވެރިކަމަށް ނުކުމެ އުޅުނު ހޮވި މާވަހަރު

ބ. ފުޅަދޫން ފާނައިގެ މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏަކުން ބުރާސްފަތިދުވަހު ހޮވި އަށްކިލޯއަށްވުރެ ބަރު މާވަހަރުގެ އަގު 860،000ރ އަށްވުރެ މައްޗަށް އަރައިފިކަމަށް އެމާހަރު ހޮވިމީހާ ބުނެފިއެވެ.

މާވަހަރު ހޮވި ފުޅަދޫ ވިދުވަރު އަބްދުލްކަރީމް މުހައްމަދު، 47، މާލޭގައި ހުރެ މިއަދު ބުނީ ހުދަންބަރެއްކަމަށް ޔަގީންކުރެވިފައިވާ މި މާވަހަރުގައި ޖުމްލަ އަށްކިލޯ ހަސަތޭކަ ގްރާމަށްވުރެ ބަރުއިރު، މާވަހަރުގެ ކޮންމެ ގްރާމެއްގެ އަގު މިހާރުހުރީ ސަތޭކަ ރުފިޔާގައި ކަމަށެވެ. އެހެންވެއްޖެނަމަ އެއީ އަށްލައްކަ ފަސްދޮޅަސް ހާހަށްވުރެ މަތީ އަގެކެވެ. އޭނާ ބުނީ މާވަހަރު ގަންނަން އަދިވެސް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށާއި އެހެންނަމަވެސް މިވަގުތު އެންމެ ބޮޑުއަގެއް ހުށައަޅާފައިވަނީ ސިސިލްފަރު ޖަމާއަތުންނާއި ސޮނީން ކަމަށެވެ.

ފާނައިގެ މަސްވެރިކަމަށް ނުކުމެ އުޅުނު ފުޅަދޫ "ނޫރު" ނަމަކަށްކިޔާ ދޯނިން މިމާވަހަރު ހޮވާފައިވަނީ މި އަތޮޅު އުނޑޫދޫގެ ކަނޑުއޮޅީގެ ތެރެއިން ބުރާސްފަތިދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

ކަރީމް ބުނެފައިވަނީ މިމާވަހަރު ވިއްކައިގެން ލިބޭ ފައިސާ ދޯނީގައި މަސްވެރިކަމަށް ނުކުން މީހުންނަށް ބަހާނެކަމަށެވެ. އޭނާ ބުނާގޮތުން މާވަހަރުގެ އަގު އަދިވެސް މަށްޗަށްދާނެއެވެ.


www.eydhafushitimes.com | © 2009